ގދ. ތިނަދޫ ސިޓީގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ނަފްސާނީ ފަރުވާގެ ޚިދުމަތަކީ މިވަގުތު އެ ސަރަހައްދަށް ނުހަނު ބޭނުންތެރި ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅޭ އަތޮޅެއްކަން ފާހަގަކުރައްވަމުން އަޝްރަފް ވިދާޅުވީ، ވަކިން ޚާއްސަކޮށް ތިނަދޫގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށެވެ. “ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުން،” އަޝްރަފް ވިދާޅުވިއެވެ.
މިހާރުވެސް އެ ހޮސްޕިޓަލުން ނަފްސާނީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު އަންނަ އިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ފެށިގެން ކުރިއަށްދާ ކްލިނިކްގެ ޢަމަލީ މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންދަނީ ވީހާވެސް އަވަހަކަށް ޚިދުމަތް ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ކްލިނިކްގެ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ޚިދުމަތް ފަށާއިރު ހަމައެކަނި އިމާރާތެއް ނޫން ކަމަށާއި، އެކަމަށް ޚާއްސަ ޑޮކްޓަރުންވެސް ގެނެވޭނެ ކަމަށެވެ. “ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފަ ޚިދުމަތް ފަށާނަން. ޚިދުމަތް ފަށާއިރުގަ ހަމައެކަނި އިމާރާތެއް އެކަންޏެއް ނޫން އެކަމަށް ޚާއްސަ ޑޮކްޓަރުންވެސް ގެނެވޭނެ،” އޭނާ ވިދާޅުވިއެވެ.
މި ކްލިނިކް ޤާއިމްކުރެވުމުން ތިނަދޫ ސިޓީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ ރައްޔިތުންނަށް ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

