ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަޙައްދުގެ 6 ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މި ދާއިރާތަކަށް ރާއްޖެ ހޮވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް އިތުބާރު ދެމެހެއްޓުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި ލިބޭ މިފަދަ ކާމިޔާބީތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
ރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތައް
2026 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަކީ:
- އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގް ބީޗު ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑް
1993 ވަނަ އަހަރު ތައާރަފު ކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ މި ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ “އޮސްކާ” އެވޯޑުގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާއިތުވި އަހަރުތަކުގައި ވެސް ރާއްޖެއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ މަޤާމު ވިދިވިދިގެން ހޯދުން ހިމެނެއެވެ.

