ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
އެޗް.ޕީ.އޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް ވަނީ އަންގާފައެވެ.
ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން އެޗް.ޕީ.އޭ އިން ބުނެފައިވަނީ، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ޓާސްކްފޯސްތައް އެކުލަވާލައި، ރަށްތައް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި ބަލި ފެތުރޭ މިންވަރު މޮނިޓަރކޮށް، އެ މަޢުލޫމާތު ގަވާއިދުން ހިއްސާކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
އާންމު ފަރުދުންގެ ފަރާތުން އެދިފައިވަނީ ގޯތިގެދޮރާއި ތިމާވެށީގައި ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި، މަދިރި އާލާވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށެވެ. “މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް” އެޗް.ޕީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްކޫލް މާޙައުލަކީ މަދިރިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށާއި، ދަރިވަރުން ހޭލުންތެރިކުރުވުމަށްވެސް ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ސައިޓުތައް އަދި ސިނާޢީ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުތާހިރުކަން ދެމެހެއްޓުމަށްވެސް ވަނީ އަންގާފައެވެ. އެޗް.ޕީ.އޭ އިން ބުނި ގޮތުގައި، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކާ ގުޅިގެން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުން ކަމަށްވާތީ، ބަލި ޖެހިއްޖެ ހާލަތެއްގައި ޞިއްޙީ އެހީތެރިންގެ އިރުޝާދާ އެއްގޮތަށް އަވަހަށް ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

