މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ކަމަށް އިންތިހާބުގެ ދާއިމީ ނަތީޖާއިން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް، ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ދާއިމީ ނަތީޖާއަށް ބަލާއިރު ޕީއެންސީއަށް ވަނީ ޖުމްލަ 581 ގޮނޑި ލިބިފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެ ޕާޓީއަށް ލިބިފައިވަނީ ޑަބްލިއުޑީސީގެ މެމްބަރުންގެ ގޮނޑިއެވެ. އެގޮތުން ޑަބްލިއުޑީސީ މެމްބަރުންގެ 214 ގޮނޑި ލިބިފައިވާއިރު، ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ 101 ގޮނޑި، ކައުންސިލް މެމްބަރުންގެ 99 ގޮނޑި، ރަށްތަކުގެ ޑަބްލިއުޑީސީގެ ރައީސާގެ 83 ގޮނޑި، ކައުންސިލް ރައީސްގެ 75 ގޮނޑި އަދި ސިޓީ ކައުންސިލްގެ މެމްބަރުންގެ 5 ގޮނޑީގެ އިތުރުން ސިޓީތަކުގެ ޑަބްލިއުޑީސީ މެމްބަރުންގެ 4 ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް، މި އިންތިހާބުގައި ޕީއެންސީއަށް ސިޓީތަކުގެ މޭޔަރުންގެ ގޮނޑިއާއި ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސާގެ ގޮނޑިއެއް ލިބިފައެއް ނުވެއެވެ.
އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ލިބިފައިވަނީ ޖުމްލަ 562 ގޮނޑިއެވެ. އެމްޑީޕީން ވަނީ މޭޔަރުންގެ 5 ގޮނޑި، ސިޓީ ކައުންސިލް މެމްބަރުންގެ 41 ގޮނޑި، ކައުންސިލް ރައީސްގެ 73 ގޮނޑި، ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ 87 ގޮނޑި، ކައުންސިލް މެމްބަރުންގެ 82 ގޮނޑި، ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސާގެ 5 ގޮނޑި، ސިޓީތަކުގެ ޑަބްލިއުޑީސީގެ މެމްބަރުންގެ 42 ގޮނޑި، އަދި ރަށްތަކުގެ ޑަބްލިއުޑީސީގެ ރައީސާގެ 60 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީއަށް އެންމެ ގިނައިން ލިބިފައިވަނީ ރަށްތަކުގެ ޑަބްލިއުޑީސީ މެމްބަރުންގެ 167 ގޮނޑިއެވެ.
ޕީއެންސީއާއި އެމްޑީޕީ ފިޔަވައި އިންތިހާބުގައި ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭއިންނެވެ. އެ ޕާޓީއަށް ޖުމްލަ 23 ގޮނޑި ލިބިފައިވެއެވެ. އޭގެ ތެރޭގައި ރަށްތަކުގެ ޑަބްލިއުޑީސީ މެމްބަރުންގެ 7 ގޮނޑި، ކައުންސިލް ރައީސްގެ 4 ގޮނޑި، ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ 4 ގޮނޑި، ކައުންސިލް މެމްބަރުގެ 4 ގޮނޑި އަދި ރަށްތަކުގެ ޑަބްލިއުޑީސީގެ ރައީސާގެ 4 ގޮނޑި ހިމެނެއެވެ.
މީގެ އިތުރުން، އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި، އަދި ދަ ޑިމޮކްރެޓްސްއަށް 2 ގޮނޑި ވަނީ ލިބިފައެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކެންޑިޑޭޓުން ވަނީ މި އިންތިހާބުގައި 168 ގޮނޑި ކާމިޔާބުކޮށްފައެވެ.

