ޒަކާތަކީ މާނައިގެ ގޮތުން ބަލާއިރު ތާހިރުވުމާއި އިތުރުވުން ކަމަށާއި، މިއީ މުދާވެރިޔާގެ ނަފުސު ދަހިވެތިކަމުން ސަލާމަތްކޮށްދީ، މުދަލުގައި ބަރަކާތް ލައްވާ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު” މި މައުޟޫއަށް ދިން ހުތުބާގައި ބުނީ، ކީރިތި ޤުރްއާނުގައި ނަމާދާ ގުޅުވައިގެން ޒަކާތުގެ ވާހަކަ ގިނަ އާޔަތްތަކެއްގައި ބަޔާންކުރައްވާފައިވުމުން، މިއީ އީމާންކަމާ ފުންކޮށް ގުޅިފައިވާ ކަމެއްކަން ހާމަވާ ކަމަށެވެ.
ހުތުބާގައި ނަސޭހަތްތެރިވެފައިވަނީ އިސްލާމްދީނުގައި ޒަކާތް ކަނޑައަޅުއްވާފައިވަނީ ހަމައެކަނި ދޭ ހަދިޔާއެއްގެ ގޮތުގައި ނޫން ކަމަށެވެ. އެއީ މުއްސަނދިންގެ މުދަލުގައި ފަގީރުންނާއި ނިކަމެތިންނަށް އޮންނަ “ކަނޑައެޅިގެންވާ ޙައްޤެއް” ކަމުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ކަމަށާއި، މިއީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދީފައިވާ ފުރިހަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްކަން ހުތުބާގައި ފާހަގަކުރިއެވެ.
ޒަކާތުގެ ސަބަބުން އިޤުތިޞާދަށް ކުރާ ފައިދާތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ޒަކާތުގެ ގޮތުގައި ނެރެންޖެހޭ 2.5 އިންސައްތައަކީ ނިސްބަތުން ކުޑަ މިންވަރެއް ނަމަވެސް، މުޅި މުޖުތަމަޢުގެ ފަގީރުކަން ނައްތާލުމަށް އެއީ ފުދޭވަރުގެ ބޮޑު އަދަދެއް ކަމަށެވެ. ޒަކާތުގެ ސަބަބުން މުދާ ހަމައެކަނި މުއްސަނދިންގެ މެދުގައި ދައުރުވުމުގެ ބަދަލުގައި، މުޅި މުޖުތަމަޢަށް އޭގެ ފައިދާ ފޯރައި އިޤުތިޞާދު ދުޅަހެޔޮވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޒަކާތުގެ ނިޒާމުގެ ފުރިހަމަކަމުގެ މިސާލެއްގެ ގޮތުން، ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ޒަކާތް ހިފާނެ ފަގީރަކު ނެތް މިންވަރަށް މުޖުތަމަޢުގެ ފުދުންތެރިކަން އިތުރުވިކަން ހުތުބާގައި ހަނދާންކޮށްދިނެވެ. މިއީ ހަމައެކަނި މާޒީގެ ވާހަކައެއް ނޫންކަން ފާހަގަކުރަމުން، އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގެ ތަފާސްހިސާބުތަކުން 2024 ވަނަ އަހަރު އެކަނިވެސް އެތައް މިލިއަން މީހުންނެއް ޒަކާތުގެ ސަބަބުން ފަގީރުކަމުން ސަލާމަތްވެފައިވާކަން ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާ ނިންމާލަމުން ބުނީ، އިލާހީ ޤާނޫނުތަކާއި މި ނިޒާމަކީ ޒަމާން ބަދަލުވުމުގެ ސަބަބުން ބާވެ، އުވޭނޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މުދަލު ޒަކާތަކީ މުޖުތަމަޢެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގާ ކަމަށް ބުނެ، ޒަކާތުގެ ވާޖިބު އަދާކުރުމަށް މިއަދުގެ ހުތުބާގައި ބާރުއަޅާފައިވެއެވެ.

