މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަގު ފުޅާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ސަރުކާރުން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މަގުގެ ބައެއް ސަރަޙައްދުތަކުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސައި، މަގު އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ފަހު 4 ސެގްމަންޓުގެ މަސައްކަތެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އަންނާނީ ތިންވަނަ ސެގްމަންޓަށެވެ. އެގޮތުން މާލެ ސިޓީ ގާޑެން ކުރިމަތިން އޮންނަ ބަނދަރު ސަރަޙައްދުން 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަޙައްދެއް ހިއްކައިގެން 500 ސައިކަލު ޕާކުކުރެވޭނެ ބޮޑު ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އައު ޕާކިން ޒޯނުގެ ސަބަބުން އެ ސަރަޙައްދުގައި އޮތް ޕާކިންގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. “އެތަނުގައި ތަރައްޤީކުރަން ހަމަޖެހިފައިވަނީ 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް،” ވަޒީރު ވިދާޅުވިއެވެ. މި ސަރަޙައްދަކީ ގިނަ އޮފީސްތަކެއް ހުރުމާއި، އެއާޕޯޓަށާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުން ގިނަ އަދަދަކަށް ބޭނުންކުރާ ސަރަޙައްދެކެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި، ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭނެ “ޝޭޑެޑް ވެއިޓިން އޭރިއާ” ތަކާއި ބެންޗުތައް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަގު ފުޅާކުރާ ސަރަޙައްދުތަކުގައި ވަކި ޕާކިން ލޭނެއް ވެސް ތަރައްޤީކުރެވޭނެއެވެ.
އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް މިހާރު ނިންމާފައިވާ ބައިތަކުން ވެސް ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މިހާރު ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ.

