އުމްރާގެ މުގައްދަސް އަޅުކަމަށް ރާއްޖެއިން މީހުން އުފުލުމުގައި އާ ބާބެއް އުފަންކޮށް، އައްޑޫ ސިޓީ ގަމުން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އެއާޕޯޓަކުން ސައޫދީއަށް ސީދާ އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް އިންތިޒާމުކުރަނީ ޓްރެވެލް އެޖެންސީއެއް ކަމަށްވާ “ދަ ޓްރެވެލާ” އާއި ރާއްޖޭގެ ގައުމީ އެއާލައިން “މޯލްޑިވިއަން” ގުޅިގެންނެވެ. ދަ ޓްރެވެލާ އިން މީސް މީޑިއާގައި މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް އުމްރާވެރިން ފުރަން ޖެހެނީ މާލެ ކައިރީގައި އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ނަމަވެސް، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ މައްކާއަށް ފްލައިޓްތައް ބޭއްވުމުން، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ ދަތުރު ބޮޑުތަނުން ފަސޭހަވެ، ވަގުތު ސަލާމަތްވެގެންދާނެއެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ “ވައިޑް ބޮޑީ” މަތިންދާބޯޓު (A330) އެވެ. މި ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ.
“މިއީ ދަ ޓްރެވެލާގެ އެދުމުގެ މަތިން އަޅުގަނޑުމެން ކުރިއަށްގެންދާ ޗާޓަރު ފްލައިޓެއް. މި ދަތުރުގައިވެސް އާންމު އުސޫލުން ކޮންމެ ފަސިންޖަރަކަށް 46 ކިލޯގެ ސާމާނު ގެންދިއުމުގެ ފުރުސަތު ލިބޭނެ،” އޮފިޝަލް ވިދާޅުވިއެވެ.
މި ދަތުރުގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް އޮތް މަގު ކުރުވެ، އުމްރާވެރިންނަށް ލިބޭ ތަކުލީފުތައް ކުޑަވާނެ ކަމަށް އެޖެންސީން ބުނެއެވެ. “ދަ ޓްރެވެލާ” އިން ބުނި ގޮތުގައި މި ދަތުރަށް ބުކިން ހެދުމުގެ ފުރުސަތު ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެއެވެ. މިއީ މީގެ ކުރިން އައްޑޫން ބައިނަލްއަގުވާމީ ބައެއް ދަތުރުތައް ކުރި ނަމަވެސް، ސީދާ ސައޫދީއަށް އަމާޒުކޮށްގެން މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ.

