ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ މިއަދު ހަވާލުކޮށްފިއެވެ.
ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ، އެ އަތޮޅު ފަޅުރަށެއް ކަމަށްވާ ދިއްދޫއަށް ދިޔަ ބަޔަކަށެވެ.
ޑިންގީއެއްގައި އެ ރަށަށް ދިޔަ މީހުންނަށް ކިނބޫ ފެނުނީ މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމާއެކު އެ މީހުން ވަނީ ކިނބޫ ހިފައިފައެވެ. އަދި ހައްޔަރުކޮށްގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.
މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް އެ ކިނބުލާ ހަވާލުވެފައެވެ. ސިފައިން މިހާރު ވަނީ އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

