އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވީ ކެންޑިޑޭޓުންގެ މެދުގައި މިއަދު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ނިމެން ގަޑިއިރަކަށްވީއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.88 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރުފަހު 3:00 އާ ހަމައަށް ޖުމްލަ 3,892 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,924 އަންހެނުންނާއި 1,968 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 6,093 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2,901 އަންހެނުންނާއި 3,192 ފިރިހެނުންނެވެ.
ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލުން ނިމެން އެއް ގަޑިއިރަށް ވެފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 2,201 މީހުން އަދި ވޯޓުލާފައެއް ނުވެއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 36.12 އިންސައްތައެވެ. މިއަދުގެ އިންތިހާބަށްޓަކައި ޖުމްލަ 6,172 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އިންތިހާބު ކުރިއަށްދާ ދާއިރާތައް
މިއަދު އިންތިހާބު ކުރިއަށްދަނީ ފަސް ދާއިރާއެއްގެ ފަސް މަގާމަކަށް މީހުން އިންތިހާބު ކުރުމަށެވެ. އެއީ
- ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑި
- ބ. ދޮންފަނު ކައުންސިލް ގޮނޑި
- ހއ. ކެލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި
- ހދ. ނޭކުރެންދޫ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި
- ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި
މި އިންތިހާބުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން
- ކެލާ، މާވަށު އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ކޮންމެ ރަށެއްގައި ދެ ފޮށި
- ނޭކުރެންދޫ އަދި ދޮންފަނުގެ ކޮންމެ ރަށެއްގައި އެއް ފޮށި
- މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި މާލޭގައި ޖުމްލަ ހަ ވޯޓު ފޮށި
މާލޭގައި ބަހައްޓާފައިވާ ފޮށިތަކުގެ ތެރެއިން ކެލާ އަދި ދޮންފަނުގެ ފޮށިތައް ހުރީ ތާޖުއްދީން ސްކޫލުގައެވެ.
ނޭކުރެންދޫ އަދި މާވަށު ފޮށިތައް ހިރިޔާ ސްކޫލުގައި ހުރިއިރު، ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

