އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ އަމަލުތައް ހިންގަމުންދާތީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމާއެކު އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުތަކަކުން ދެން ދަތުރުކުރަން ޖެހޭނީ އީރާނުގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.
އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ކުރީގެ ހާލަތަށް ރުޖޫއަވެފައިވާ” ކަމަށާއި، އެ ސަރަހައްދު މިހާރު އޮތީ ސިފައިންގެ ހަރުދަނާ ބެލުމުގެ ދަށުގައި ކަމަށެވެ. މި ބަދަލު މި އައީ ހަތް ހަފްތާގެ މެދުކެނޑުމަކަށްފަހު ކަނޑުއޮޅި ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނަކު ތުހުމަތުކުރި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ “ނޭވަލް ބްލޮކޭޑް” ނުވަތަ ކަނޑުގެ މަގުން ބަންދުކުރުމުގެ ފިޔަވަޅުތައް އުވާލަން އިންކާރު ކުރާތީ، އެމެރިކާއިން ވަނީ އެގައުމުގެ އިލްތިޒާމްތަކާ ހިލާފުވެފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ މި އަމަލުތަކަކީ “ކަނޑުފޭރުމުގެ” އަމަލުތަކެއް ކަމަށާއި، އެމެރިކާއިން ދޫނުދޭހާ ހިނދަކު އީރާނުންވެސް ދޫނުދޭނެ ކަމަށެވެ.
މި ކަނޑުއޮޅިއަކީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު، އިސްރާއީލާއި ލުބުނާނާ ދެމެދު ވީ ސުލްހައިގެ އެއްބަސްވުމަކާއެކު އިއްޔެ ހުޅުވާލި ތަނެކެވެ. މިއަދު ހެނދުނު ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތައް ދަތުރުކުރަން ފެށި ނަމަވެސް، އީރާނުގެ އާ ނިންމުމާއެކު ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ވަނީ އަނެއްކާވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، ބައިނަލްއަގުވާމީ ވިޔަފާރިވެރިންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ވިޔަފާރި މަގެއް ބަންދުވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގުތަކަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

