ކުރިއަށް އޮތް ތަނުގައިވެސް ދެމިހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި، އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ކަމަށް ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ދާދި ފަހުން މަޤާމުން އިސްތިއުފާދެއްވި ދިހަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ވަޒީރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވަނީ ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންގެ އިތުރުން މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން އޭނާއަށް ކުރި އިތުބާރާއި ފާޅުކުރި ހިތްހެޔޮ ޝުޢޫރުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު މަސައްކަތްކުރެއްވުމުގައި އޭނާ ދެއްކެވި ނަމޫނާއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ތަޞައްވުރު
ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މި ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުވައިގެން ކަމަށެވެ. “ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބިގެން، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވާންޖެހޭ” ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ މަޤާމަކުން ވަކިވެވަޑައިގަތް ނަމަވެސް، ރައީސް މުޢިއްޒުގެ އަރިހުގައި ޤައުމަށް ޚިދުމަތްކުރުމުގައްޔާއި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސިޔާސީ ޙަރަކާތްތަކުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އާދަމް ޝަރީފު ދެއްވިއެވެ.
ސިޔާސީ ތަޖުރިބާކާރެއް
އާދަމް ޝަރީފަކީ ޕީއެންސީގެ ނައިބު ލީޑަރުގެ އިތުރުން، އެ ޕާޓީ އިދިކޮޅުގައި އޮތްއިރު މަޖިލީހުގެ ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރުގައި ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ އާދަމް ޝަރީފަކީ ތަޢުލީމީ ދާއިރާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
އާދަމް ޝަރީފު ހިންގެވި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާ ބެހޭ ވުޒާރާއަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން އަލަށް އުފެއްދެވި ވުޒާރާއެކެވެ. ނަމަވެސް، ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އެ ވުޒާރާ ކެބިނެޓުގައި ނުހިމެނެއެވެ.

