މާލޭގެ އޯކިޑް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އޯކިޑް މަގުގައި ހުންނަ މ. މައިމަގުމަތީގޭގެ ހުސްކޮށް އޮތް ބިމެއްގައި ހުރި ކުނިތަކެއްގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އަލިފާން ރޯވީ ހުސް ބިމުގައި ހުރި ކުނިތަކެއްގައި ކަމަށްވާތީ، އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މިވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކ. ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
މީގެ އިތުރުން، ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓުގައިވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެ ރިސޯޓުގެ ރެސްޓޯރަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައިވާކަން ފާހަގަކުރެވެއެވެ.

