މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށްދިޔަ ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއްގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބަކީ އެކި ސަބަބުތަކާހުރެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވުނު ވޯޓުލުމެކެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޕީއެންސީން ވަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ހއ. ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ހައްވާ ފަޒުނާ އެވެ. އޭނާއާ ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމެވެ.
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތުރު ރިއުޒާ ކާމިޔާބުކުރިއިރު، އޭނާއާ ވާދަކުރީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ. މީގެ އިތުރުން ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާ އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއާ ވާދަކޮށްގެންނެވެ.
ނަތީޖާ ޔަގީންނުވާ ދާއިރާތައް
މިއަދުގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދިޔަ ދާއިރާތަކުގެ ތެރެއިން އަދިވެސް ނަތީޖާ ޔަގީންނުވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމުގެ އިންތިހާބާއި، ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.
ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމެވެ. ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހްއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ މި ދާއިރާތަކުގެ ވޯޓު ފޮށިތައް ގުނައި، ރަސްމީ ނަތީޖާތައް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

