އދ. ކުނބުރުދޫގައި ޤާއިމު ކުރަމުންދާ ޕޮލިސް ޕޯސްޓްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
އާރުޑީސީއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުނބުރުދޫގައި ގާއިމްކުރަމުންދާ ޕޮލިސް ޕޯސްޓްގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. މީގެ ކުރިން މި އިމާރާތުގެ ސިމެންތި ޖެހުމާއި ވަށާފާރު ރޭނުމުގެ މަސައްކަތްތައް ވަނީ ނިންމާފައެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޤްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ކުނބުރުދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޘީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތާރިގް އާއި ކުނބުރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަޒުމީ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ފެންވަރެއްގެ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
މި ސިޔާސަތުގެ ދަށުން، މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ގިނަ ރަށްތަކެއްގައި މިއަހަރުގެ ތެރޭގައި އާ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އާރުޑީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

