ސިއްހީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ޑޮކްޓަރުންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މަސައްކަތުގެ މައިދާނުގައި ކޮންމެ ދުވަހަކު ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުވެސް ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއް ކަމަށެވެ. އަދި ޑޮކްޓަރުން ކުރާ މާތް މަސައްކަތަކީ ހަމައެކަނި އަދާކުރާ ވަޒީފާއެއް ނޫންކަމަށާއި، އެއީ އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މުގައްދަސް އަދި އިންސާނީ ކަރާމާތާއި ގުޅިފައިވާ މަތިވެރި ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“ޞިއްޙީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ތިބޭފުޅުން އަދާކުރައްވަނީ އެންމެ މުހިންމު ދައުރު. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އާއިލާއާއި އަމިއްލަ ކަންކަމަށް ލިބޭ ވަގުތާއި ނިދި ގުރުބާންކޮށް ރެއާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ މާތް އިންސާނީ ޚިދުމަތެއް،” ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ޑޮކްޓަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވަމުން، ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމަށް އެންމެ ފުރަތަމަ ތަމްރީނުވެގެން އައި ޑޮކްޓަރ، ޑރ. އަބްދުﷲ އަބްދުލް ހަކީމް 1964 ވަނަ އަހަރުގެ އެޕްރީލް 18 ގައި ޤައުމީ ޚިދުމަތަށް ނިކުތުމާ ގުޅުވައިގެންނެވެ.

