މިދިޔަ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށް ވުރެ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖެއިން ދައްކަން ޖެހިފައި އޮތް ބޮޑު ސުކޫކް ދެއްކުމުގެ ކުރިން ރިޒާވް ހުރި މިންވަރެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވް ވަނީ ފެބްރުއަރީ މަހާ އަޅާބަލާއިރު %4.7 އިތުރުވެފައެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.27 ބިލިޔަން ޑޮލަރު ހުރިއިރު، މާރިޗު މަހު މި އަދަދު ވަނީ 1.33 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރަސްމީ ރިޒާވް މިހާތަނަށް އެންމެ މަތިވި ފަހަރުކަން ފާހަގަކުރެވެއެވެ.
ރަސްމީ ރިޒާވަށް އައި ހެޔޮ ބަދަލާއެކު، ވަގުތުން ބޭނުންކުރެވޭ ރިޒާވަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ފެބްރުއަރީ މަހު ބޭނުންކުރެވޭ ރިޒާވްގައި 337 މިލިޔަން ޑޮލަރު ހުރިއިރު، މާރިޗު މަސް ނިމުނުއިރު މި އަދަދު ވަނީ 409 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ %21.3 ގެ ކުރިއެރުމެކެވެ.
ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ބަލަނީ ރަސްމީ ރިޒާވުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހު ބާކީ ހުންނަ އަދަދަށެވެ. ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތުގެ އިލްތިޒާމުތަކުގެ ގޮތުގައި 1.03 ބިލިޔަން ޑޮލަރު ހުއްޓެވެ.
މާރިޗު މަހުގެ ނިޔަލަށް ރިޒާވް މި މިންވަރަށް ހުރިއިރު، މިއީ ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ދެއްކުމުގެ ކުރިން ހުރި އަދަދެވެ. ގާތްގަނޑަކަށް 8.1 ބިލިޔަން ރުފިޔާގެ މި ދަރަނި ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ދަރަންޏެއް ނުނަގައެވެ.
ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ބޭރު ފައިސާގެ އައު ގަވާއިދެއްގެ ދަށުން ފަތުރުވެރިކަމުގެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ. މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާގެ މިންވަރު ވެސް ވަނީ 2 މިލިޔަން ޑޮލަރުން 275 މިލިޔަން ޑޮލަރަށް އިތުރުކޮށްފައެވެ.

