އައްޑޫސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހިތަދޫ ފްލެޓް ސަރަހައްދުގައި އޮތް ހުސްބިމެއްގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 9:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 9:21 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކުނި އެންދުމާއި، އަލިފާން ގެންގުޅުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

