ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ދެމީހުންގެ ތެރެއިން އަލްޔާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ. އަދި އާމިނަތު ރޫނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

