ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ އެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން އަލުން ބިން ހަވާލުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާތަނަށް ޖުމުލަ 2,972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން 169 މީހަކަށް މިހާރު ވަނީ ބިން ހަވާލުކޮށްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ އެތަނުގައި އާބާދުވާ މީހުންނަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށެވެ.
ގޯތިތަކުގެ ތަފްސީލް
ގުޅީފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 1,250 އަކަފޫޓާއި 3,650 އަކަފޫޓާ ދެމެދުގެ ސައިޒުތަކެވެ. އޭގެ ތަފްސީލަކީ:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް މިހާރު ވަނީ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯތީގެ އިތުރުން ސޯޝަލް ހައުސިންއަށާއި، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި، ޕާކުތަކާއި ކުޅިވަރު ކުޅޭ ސަރަޙައްދުތަކަށްވެސް ބިން ހަމަޖައްސާފައިވެއެވެ.
ގުޅީފަޅު ތަރައްޤީކުރުމުގެ އުމްރާނީ މަސައްކަތްތައްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެތަނުގެ މަގުތަކާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އަދި އާރްޑީސީއާ ހަވާލުކޮށްގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

