މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ (އ.ތ.މ) އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ދާއިމީ ނަތީޖާއަށް ބަލާއިރު، އިންތިޚާބުވި ޖުމްލަ 1,351 މެންބަރުންގެ ތެރެއިން ޕީއެންސީން ވަނީ 584 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 563 ގޮނޑިއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 169 ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
ޕާޓީތަކުން ގޮނޑިތައް ކާމިޔާބުކުރި ގޮތް
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ 75 ރައީސުންނާއި، އަންހެނުންނަށް ޚާއްސަ 101 ގޮނޑި ހިމެނެއެވެ. އަދި ރަށު އ.ތ.މ ކޮމިޓީތަކުގެ ރައީސްކަމުގެ 84 ގޮނޑިއާއި މެންބަރުކަމުގެ 216 ގޮނޑި އެޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
އެމްޑީޕީން ވަނީ 5 ސިޓީއެއްގެ މޭޔަރުކަން ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ 41 ގޮނޑިއާއި، ރަށު ކައުންސިލްތަކުގެ 73 ރައީސްކަން އެ ޕާޓީން ވަނީ ނަގާފައެވެ. އެހެން ޕާޓީތަކަށް ބަލާއިރު އެމްޑީއޭއިން 23 ގޮނޑި، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސް އިން 2 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.
ޕީއެންސީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
- ރަށު ކައުންސިލް ރައީސް: 75 ގޮނޑި
- ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
- ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
- ސިޓީ އތމކ ގެ މެންބަރު: 4 ގޮނޑި
- ރަށު އތމކ ގެ ރައީސް: 84 ގޮނޑި
- ރަށު އތމކ ގެ މެންބަރު: 216 ގޮނޑި
އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
- މޭޔަރ: 5 ގޮނޑި
- ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
- ރަށު ކައުންސިލް ރައީސް: 73 ގޮނޑި
- ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
- ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
- ސިޓީ އއތމކ ގެ ރައީސް: 5 ގޮނޑި
- ސިޓީ އތމކ ގެ މެންބަރު: 42 ގޮނޑި
- ރަށު އތމކ ގެ ރައީސް: 60 ގޮނޑި
- ރަށު އތމކ ގެ މެންބަރު: 167 ގޮނޑި
އެހެނިހެން ޕާޓީތަކުން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
- އެމްޑީއޭ: 23 ގޮނޑި
- އަދާލަތު ޕާޓީ: 6 ގޮނޑި
- ޖުމްހޫރީ ޕާޓީ: 4 ގޮނޑި
- ދަ ޑިމޮކްރެޓްސް: 2 ގޮނޑި
އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރި ގޮނޑިތައް
- ސިޓީ ކައުންސިލް މެންބަރުން: 1 ގޮނޑި
- ރަށު ކައުންސިލް ރައީސް: 24 ގޮނޑި
ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 30 ގޮނޑި
- ރަށު ކައުންސިލް މެންބަރު: 36 ގޮނޑި
- ސިޓީ އތމކ ގެ މެންބަރު: 1 ގޮނޑި
- ރަށު އތމކ ގެ ރައީސް: 26 ގޮނޑި
- ރަށު އތމކ ގެ މެންބަރު: 51 ގޮނޑި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ހޮވުނު ކައުންސިލަރުންނާއި ކޮމިޓީ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ސަރުކާރުން ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު އެއްބާރުލުން ދެއްވާނެ ކަމަށާއި ސިޔާސީ ވިސްނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލަކުން ހުރަސްއަޅާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށްފަހު، އެ ހުރަސްތައް ނައްތާލައި ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި ކެންޑިޑޭޓުންނަށް ރައީސް އިލްތިމާސް ކުރެއްވީ، ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށާއި ހުރިހާ ރައްޔިތުންނަށް އަދުލްވެރިވުމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސިޔާސީ ވިސްނުން އިސްނުކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

