ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަލަށް ގެނައި ހެވީ ވެހިކަލް ފްލީޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ޓެކްނިކަލް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި 230 ވެހިކަލްގެ ބޮޑު ފްލީޓެއް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގައެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ އުޅަނދުތައް ދުއްވުމާއި އޮޕަރޭޓް ކުރާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ޖުމުލަ 108 މުވައްޒަފުން ތަމްރީނުކުރަމުންދާއިރު، މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. މި ތަމްރީނުތަކުގައި ތިއަރީ ބައިގެ އިތުރުން ތިލަފުށީގައި ކުރިއަށްގެންދާ ޕްރެކްޓިކަލް ސެޝަންތައް ހިމެނޭއިރު، އަންނަ ހަފްތާގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
ކުންފުނިން މިހާރު ގެންދަނީ މި އުޅަނދުތައް ފޮނުވާނެ ރަށްތަކާއި މަޝްރޫޢުތައް ކަނޑައަޅަމުންނެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުރިއަށްދަނީ އުޅަނދުތައް ރެޖިސްޓްރީކުރުމުގެ ފަހުގެ މަރުހަލާތަކެވެ. ނަޒީމް ވިދާޅުވީ، ވެހިކަލްތައް ފޮނުވާ ރަށްތަކުގައި ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކަށްވެސް ބޭނުންވާ ޙާލަތްތަކުގައި މި އުޅަނދުތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
މި ފްލީޓުގައި ހިމެނޭ މުހިންމު އުޅަނދުތަކުގެ ތެރޭގައި އެސްކަވޭޓަރު، ފޯކްލިފްޓް، ޑަމްޕް ލޮރީ އަދި ތާރު އެޅުމަށް ބޭނުންވާ 4 ތާރު ޕްލާންޓް ހިމެނެއެވެ. މީގެ ތެރޭގައި 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ ތިން ޕްލާންޓް ހިމެނެއެވެ. ޗައިނާގެ ތަޖުރިބާކާރު ކުންފުންޏެއް މެދުވެރިކޮށް ގެނައި މި އުޅަނދުތަކަކީ ރާއްޖޭގެ މަގު ހެދުމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މާލެ ސަރަޙައްދުގައި މި އުޅަނދުތައް ބޭނުންކޮށްގެން އެންމެ ބޮޑު އިސްކަމެއް ދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން އެމްޓީސީސީއާއި އާރްޑީސީއާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުހިންމު މަސައްކަތެކެވެ. އާރްޑީސީން ބުނީ މިފަދަ ބޮޑު ފްލީޓެއް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ހިންގައި، މަސައްކަތްތައް އަވަސްކުރުން ކަމަށެވެ

