މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މިކަމަށްޓަކައި މި މަހުގެ ތެރޭގައި ތެލުގެ ތިން ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަން ޔަގީންކުރުން ކަމަށެވެ. ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް، ތެލުގެ އަގަކީ ރާއްޖެއަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތެލުގެ ޝިޕްމެންޓުތައް ލިބޭނެ ތާރީޚުތައް
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކް ޓަނުގެ ޑީސަލާއި 5,400 މެޓްރިކް ޓަނުގެ ޕެޓްރޯލް ޝިޕްމެންޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން، އޭޕްރީލް 24 ވަނަ ދުވަހު 25,400 މެޓްރިކް ޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28,000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެއެވެ.
މާލީ ވަޒީރު ވިދާޅުވި ގޮތުގައި، ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. "ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާންމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި،" ޒަމީރު ވިދާޅުވިއެވެ.
ސިނާއަތްތައް ކުރިއަށްގެންދިއުމަށް ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ނިންމި ނިންމުން މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ. އަދި މުދަލުގެ އަގުތައް ހެޔޮކުރުމަށް މާލީ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިތަކަށް 106 މިލިއަން ޑޮލަރު ދޫކޮށްފައިވާކަންވެސް ވަނީ ހާމަކުރައްވާފައެވެ.

