މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރިނަމަވެސް، ކަމާގުޅޭ އިދާރާތަކާއެކު ކުރެވުނު މަސައްކަތުން ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 740,364 ފަތުރުވެރީން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ދުވާލަކު ރާއްޖެ އަންނަ ފަތުރުވެރީންގެ އެވްރެޖް ނިސްބަތް ހުރީ 6,885 ގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާކެޓްތަކުގެ ތަފާސްހިސާބު
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 108,656 ފަތުރުވެރީން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން އައީ ރަޝިޔާއިންނެވެ. ރަޝިޔާއިން 92,000 އަށްވުރެ ގިނަ ފަތުރުވެރީން އައިސްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 69,000 އަށްވުރެ ގިނަ ފަތުރުވެރީން އަދި އިޓަލީވިލާތުން 62,000 އަށްވުރެ ގިނަ ފަތުރުވެރީން ވަނީ ރާއްޖެ އައިސްފައެވެ. މި ލިސްޓުގެ ކުރީގައި ދެން ހިމެނެނީ ޖަރުމަނު، އިންޑިއާ އަދި ފްރާންސްއެވެ.
ދަތުރުފަތުރަށް އައި ބަދަލުތައް
ހަނގުރާމައިގެ ސަބަބުން އެއާލައިންތަކުގެ ދަތުރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްކޮޅު ދުވާލަކު ގާތްގަނޑަކަށް 20 ފްލައިޓް ކެންސަލްވަމުން ދިޔަ ކަމަށެވެ. ނަމަވެސް، ފަހުން އެ އަދަދު 16 އަށް މަދުވެ، މިހާރު އެއަށްވުރެ ވެސް ދަށްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރެވުނު ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ލޮޅުންތަކުން އަރައިގަނެ، 2.2 އިންސައްތައިގެ ކުރިއެރުމެއް ހޯދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

