ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އއ. މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މާޅޮހު އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުލަލުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މާޅޮހުގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒްގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް ފަށާފައިވާ މަސައްކަތުގެ ބައެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލުމެވެ. މިހާރުވެސް ބައެއް ރަށްރަށުގައި މިފަދަ ޖިމްތައް ނިންމައި އާންމުންނަށް ބޭނުންކުރުމަށް ވަނީ ހުޅުވާލާފައެވެ.
އާރްޑީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ އަދަދެއްގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

