އއ.ފެރިދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށް ދަނީ އިމާރަތުގެ ދޮރުތަކާއި ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާތަނަށް މުޅި މަޝްރޫޢުގެ 73.65 އިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ފެރިދޫގައި ބިނާކުރަނީ އެއް ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތަކީ އެ ރަށުގެ އާބާދީއަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެއް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ފެރިދޫ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ޕޯސްޓް ގާއިމުވެ ނިމުމުން، ރަށުގެ އަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

