މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 71.60 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މިހާރު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 84 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން 54 އިންސައްތަ ސެގްމަންޓް ވަނީ ކަނޑައެޅިފައިވާ ތަންތަނުގައި ހަރުކޮށް ނިންމާފައެވެ.
މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ހަދަންޖެހޭ މަގުތަކުގެ މަސައްކަތް ކަމަށެވެ. އަދި ތިލަފުށީގައި ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅިފަޅު، އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ތިން ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖް/ކޯޒްވޭ ލިންކްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26، 2021 ގައެވެ. ކުރީގެ ސަރުކާރުން ފެށި މި މަޝްރޫއަކަށް ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާނެއެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނު އެހީ ކަމަށްވާއިރު، 100 މިލިއަން ޑޮލަރަކީ އެ ގައުމުގެ ހިލޭ އެހީއެވެ.
މި މަޝްރޫއު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ބްރިޖުގެ ފަރުމާގައި ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖާއި، ފުން ފަޅުތަކުގައި އަޅާ މެރިން ވިއަޑަކްޓްތަކުގެ އިތުރުން އެއްގަމުގައި ހަދާ މަގުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ވިލިމާލޭގައި އުޅަނދުތަކަށް ބޭނުންވާ ރޭމްޕެއް ހެދުމާއި، ވިލިމާލެ އަދި ތިލަފުށިން ބައެއް ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

