ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް މޫސާ ފަތުހީ އައްޔަން ކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުއާޒް ވިދާޅުވި ގޮތުގައި އޭނާ މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.
މީގެ އިތުރުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެއްވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އެ ފުރުޞަތު ދެއްވުމަށް އިސްތިއުފާ ދެއްވީ ކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނު މޫސާ ފަތުހީ އާދަމްއަކީ މީގެ ކުރިންވެސް ސަރުކާރާއި ސިޔާސީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

