ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ސަރުކާރުން މިހާރު ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާއެއްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް.”
ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް، އާންމު ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި، މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު ބަދަލުތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އަޑުއަހައިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި ރައްޔިތުންގެ ޚިޔާލަށް އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

