ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށާއި، އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުން ހުއްޓުވުމަށްޓަކައި ޖުޑީޝަލް ކައުންސިލް އަލުން އިއާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. މި ބަދަލާއެކު، މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ ނިޒާމަށް ގެނައުމަށް އިއުލާނުކޮށްފައިވާ އިސްލާހީ ބަދަލުތަކާއެކު ކުރިއަށްވަޑައިގަންނަވާނެ ކަމަށެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ޖުޑީޝަރީގެ ހިންގުމަށް ގެންނަ އިސްލާހުތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަކީ ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާ ކަމެކެވެ. "ޖުޑީޝަލް ކައުންސިލަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމޭނޭހެން އޮންނަ ފަންނީ ދާއިރާގައި ޓެކްނިކަލް ކަންކަމުގައި މަޝްވަރާކުރުމަށް އޮންނަ ކައުންސިލެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ކައުންސިލަކީ ކުރިން ގާނޫނުގައި އޮތް ކައުންސިލެއް ނަމަވެސް، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވަނީ އުވާލާފައެވެ.
އަލުން އެކުލަވައިލާ ޖުޑީޝަލް ކައުންސިލުގައި އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާނެއެވެ. ރައީސް ވިދާޅުވީ މިހާރު ކޯޓުތަކުގެ އިދާރީ ނިޒާމު އޮތްގޮތުން ފަނޑިޔާރުންނަށްވުރެ އިދާރީ މުވައްޒަފުންގެ ބާރު ގަދަވެ، ކޯޓުތައް ހިންގުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، މި ކައުންސިލް ވެގެންދާނީ ޖުޑީޝަރީގެ ފަންނީ ކަންކަމުގައި މަޝްވަރާކޮށް ގޮތް ނިންމާ އެންމެ މަތީ ފަންތީގެ މަޖިލީހަށެވެ.
ޖުޑީޝަރީގެ އިތުރުން ދުސްތޫރީ ނިޒާމަށް ގެންނަ އެހެން ބައެއް ބަދަލުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާއި، މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

