މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި ބޭރު ފައިސާގެ އަދަދު 142 އިންސައްތަ އިތުރުކުރެވިފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު ޓީޓީ ހެދުމަށް ބޭންކުން 106.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހަކު އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، އޭޕްރީލް މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެކަނިވެސް 25.2 މިލިއަން ޑޮލަރު ވިއްކާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކާޑުތަކުގެ މުއާމަލާތްތަކަށް ބަލާއިރު، ފުރަތަމަ ތިން މަސްދުވަހު ޖުމްލަ 129 މިލިއަން ޑޮލަރު ބޭންކުން ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދޫކުރި އަދަދަށްވުރެ 23 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުންތައް ލިބިފައިވަނީ ސަރުކާރުން އަދާކުރަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްފަހަރާ އަދާކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން އަލަށް ތައާރަފުކުރި ބޭރު ފައިސާގެ ގާނޫނާއި އުސޫލުތަކުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ އާމްދަނީ ބޭންކިން ނިޒާމަށް ޖަމާކުރުމާއި ވަކި މިންވަރެއް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުތަކަށް ލިބޭ ޑޮލަރު އިތުރުވެ، ރަސްމީ ރޭޓުގައި ވިޔަފާރިތަކަށާއި އާންމުންނަށް ޑޮލަރު ދޫކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ވަޒީރު ސައީދު ވިދާޅުވީ، “މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ ބޭރު ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކި. މިއީ އެވެރެޖުކޮށް މަހަކު 35.4 މިލިއަން ޑޮލަރު. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 ޕަސެންޓުގެ އިތުރުވުމެއް،” ކަމަށެވެ.
ދުނިޔޭގެ ހާލަތަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ހާލަތްތަކުގައިވެސް ރާއްޖެއަށް މުދާ އެތެރެކުރުމުގައާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ދަތިކަމެއް ނުވާނެ ގޮތަށް ސަރުކާރުން އިންތިޒާމީ ގޮތެއްގައި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

