ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދޭ “ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ހާއްސަ އިނާމެކެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ އެކި އިދާރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި، މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރު ކަމަށްވާ “އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން” މި ޝިއާރާ ގުޅޭގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް މި އެވޯޑު ދިނުމުގައި އިސްކަންދެވޭނެއެވެ.
އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މެއި މަހުގެ ދެވަނަ ދުވަހުގެ ކުރިން އެޗްޕީއޭގެ ރަސްމީ މެއިލް އެޑްރެހަށް ފޮނުވަން ޖެހޭނެ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ފަރާތްތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ “ޖެނެރޭޝަނަލް ބޭން” 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތަންފީޒު ކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. މި ފިޔަވަޅުތަކަކީ ދުންފަތުން ލިބޭ ގެއްލުންތަކުން ޒުވާން ޖީލު ސަލާމަތްކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

