ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ޖާގަތަކުގެ ތެރެއިން ފުރަތަމަ ފިހާރަ މި މަހުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މި ފިހާރަ ހުޅުވުމަށް ތައްޔާރުވަމުންދަނީ ނިރޮޅުމަގު ޒޯން 1 ގައި ހިމެނޭ ޓަވަރެއްގައެވެ.
އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 32 ޓަވަރުގައި ޖުމުލަ 127 ކޮމާޝަލް ސްޕޭސް ހިމެނެއެވެ. މި ތަންތަން ދޫކުރުމަށް 2024 ވަނަ އަހަރު ހުޅުވާލާފައިވަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަކީ މިހާރު އެ ކޯޕަރޭޝަނުން އެންމެ އިސްކަންދޭ މަސައްކަތް ކަމަށް އެފްޑީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންމެ ސަރަޙައްދެއްގައި މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ހުންނާނެއެވެ. މީގެ އިތުރުން މޭވާއާއި ތަރުކާރީ ވިއްކާ މާރުކޭޓުތަކާއި، ކެފޭ، ރެސްޓޯރަންޓް އަދި ބޭންކިންގ އާއި ޕޯސްޓްގެ ޚިދުމަތްތަކަށްވެސް ޖާގަ ވަނީ ޚާއްސަކޮށްފައެވެ. މި ޖާގަތަކުގެ ބޮޑުމިނަކީ 580 އަކަފޫޓާއި 6,200 އަކަފޫޓާ ދެމެދުގެ މިންވަރެކެވެ.
އިޖުތިމާޢީ ޚިދުމަތްތަކަށް ބަލާއިރު، ސަރުކާރުގެ ޖީ.ޕީ ކްލިނިކާއި، ފާމަސީ، ވެލްނެސް ސެންޓަރުތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ އެމްޕަވަރމެންޓް ހަބެއްވެސް މި ސަރަޙައްދުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެފްޑީސީން ވިދާޅުވި ގޮތުގައި، ކޮންމެ ސަރަޙައްދަކުންވެސް 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި މިފަދަ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި 32 ޓަވަރުގައި ޖުމުލަ 3,620 ހައުސިންގ ޔުނިޓް ހިމެނޭއިރު، މިތަނުގައި 30,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެ ސަރަޙައްދުގައި ވިޔަފާރިއަށް ފިހާރަތައް ނެތުމަކީ މިހާރު ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
އެހެންކަމުން، މި ޚިދުމަތްތައް އަވަހަށް ފެށުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ. އެފްޑީސީން ދަނީ ވީހާވެސް އަވަހަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

