ތިލަމާލެ ބްރިޖްގެ މަސައްކަތް ވީހާ އަވަހަކަށް ނިންމަަން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މިދަނީ ދެމުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފިހުގައި މިއަދު ހެދުނު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ އިރުވެސް މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ލަސް ކަމަށެވެ.
ބްރިޖުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ އެހީގައި ހަދަމުން އަންނަ ބްރިޖުގެ މަސައްކަތް ހަގީގަތު ވެސް ވަރަށް ލަސް ކަމަށާއި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން ބްރިޖު ނިންމުމަށް ކުރިން ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށާއި ސަރުކާރުން ވަރަށް ބޮޑަށް ކަންކަން ބެލުމަށްފަހު މުއްދަތު ވާނީ އަނެއްކާ ވެސް އިތުރުކޮށްދީފައިވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ބްރިޖު ނިންމޭނެ ތާރީހެއް އެމަނިކުފާނު ދެއްވި ކަމަށާއި ނަމަވެސް އެ ތާރީހު ދިމާ ނުވުމުން މިފަހަރުގެ ރިޔާސީ ބަޔާނުގައި ބްރިޖުގެ ވާހަކަ ނުގެންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 2021 ވަނަ އަހަރު އޮގަސްޓް 26 ގައި އިންޑިޔާ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްގެން ހިނަމުންދާ މި އުމްރާނީ މި ޕްރޮޖެކްޓުގެ 71.60 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން އިއްޔެ ވިދާޅުވެފައެވެ.
މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ މި ބްރިޖް އަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެކެވެ. އަދި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ އިރު، އިންޑިއާއިން ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާއިން ވަނީ ދީފައެވެ.

