ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅެއްގެ މާނަ އޮޅޭގޮތަށް "އަދަދު" ނޫހުން ޚަބަރު ފަތުރާފައިވާ ކަމަށް ބުނެ، އެކަން ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ގޮތުގައި، 20 އޭޕްރީލް 2026 ގައި ‘އަދަދު، ނޫހުގައި ލީވާން ޢަލީ ނާޞިރު ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެކެވެ. މިއީ އެހެން މީޑިއާއަކުން ކުރި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ޚަބަރެއް ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ޙަވާލާދީ ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ވާހަކަތަކެކެވެ.
މީގެ އިތުރުން، މިއީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ "އަން-އެތިކަލް" އަދި "އަން-ޕްރޮފެޝަނަލް" ލިޔުމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. މިފަދަ ލިޔުންތަކާ ގުޅިގެން ކަމުގެ ޙަޤީޤަތް ސާފުކޮށް، ރައްޔިތުންނަށް ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ އަރުވާފައެވެ.

