ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކޮށްފައިވާ ރީތިގަސް ރެސިޑެންސް އިމާރާތުން ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ރީތިގަސް ރެސިޑެންސް ފްލެޓުތައް ހުންނަ އިމާރާތުން ވިޔަފާރި ބޭނުންތަކަށް ތިން ޖާގައެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބުކްޝޮޕަކާއި، ސެލޫނަކާއި، ވެލްނެސް ސެންޓަރެއް ހިންގުމަށް ދޫކުރާ ޖާގަތަކެވެ.
ދޫކުރާ ޖާގަތަކުގެ ތަފްސީލް:
- ބުކްޝޮޕް: 1031 އަކަފޫޓް
- ސެލޫން: 1463 އަކަފޫޓް
- ވެލްނެސް ސެންޓަރު: 1913 އަކަފޫޓު
މި ޖާގަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ވަނީ ވަކި ތާރީޚުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ބުކްޝޮޕް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. ސެލޫން ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ. އަދި ވެލްނެސް ސެންޓަރު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހަށް ހަމަވާނެއެވެ.
ރީތިގަސް ރެސިޑެންސް އަކީ އެޗްޑީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ހައުސިންގ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 6 ޓަވަރެއްގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ބިނާކޮށްފައެވެ. މި ވިޔަފާރި ޖާގަތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވާލެވޭ ފުރުސަތުތަކެކެވެ.

