ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ތަކުން ވަކިވާ މުވައްޒަފުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިކުމެ ރާއްޖޭގެ އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މާލީ ވަޒީރު ވިދާޅުވީ، އިޤްތިސޯދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޭދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އެގޮތުން އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250 މިލިއަން ރުފިޔާ ރިލީޒްކުރެވިދާނެއެވެ. އަދި މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަޝަވަރާކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، “މިހާލަތާއެކުވެސް ރައީސްގެ ޕޮލިސީ އަކީ އިގްތިސޯދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް ކުރިއަށްގެންދެވެން،” ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިތުރު 450 މިލިއަނެއްހާ ފައިސާ ހަމަޖެހިގެންދާނެ ކަމަށާއި، އެ ފައިސާވެސް އެސް.އެމް.އީގެ ގޮތުގައި އިކޮނޮމީގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ޑައުންސައިޒް ކުރާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް އާއި ލޯނު ދޫކޮށްގެން ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމެވެ. މީގެ ސަބަބުން ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުވެ، ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްޙޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

