އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މަރާމާތު ކުރުމަށްޓަކައި މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި އިއުލާނެއްގައެވެ.
އައިޖީއެމްއެޗުން ވިދާޅުވި ގޮތުގައި، މި މަރުކަޒު ބަންދުކޮށްފައި ހުންނާނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެ ސެންޓަރުގައި ކުރިއަށްދާނީ މަރާމާތުގެ މަސައްކަތްތަކެވެ.
މި މަރުކަޒު ބަންދުކުރުމާ ގުޅިގެން، އެތަނުން ދެމުންދިޔަ ޚިދުމަތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް މިހާރު ވަނީ އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ވެކްސިން ޖެހުމުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދަމަނަވެށިން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތު ދެއްވައެވެ. މި ބަދަލުތަކަށް އާންމުން ސަމާލުވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

