މި މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ރަށްތަކުގައި ފިއުލް ސްޓޭޝަންތައް ގާއިމްކޮށް ހިދުމަތް ދެމުން އަންނައިރު، ފ. ނިލަންދޫ އަދި ބ. އޭދަފުށީގައި ވެސް މިހާރު ވަނީ އެފްއެސްއެމްގެ ފިއުލް ސްޓޭޝަންގެ ހިދުމަތް ފަށާފައެވެ. މީގެ އިތުރުން ނިމިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު ށ. މިލަންދޫގައި ވެސް ވަނީ މި ހިދުމަތް ދޭން ފަށާފައެވެ.
ސަރުކާރުން ފެށި މި ބޮޑު މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަނެއް ގާއިމްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގައެވެ. އޭގެ ފަހުން ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި ވެސް ވަނީ ޒަމާނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާހު ކުރި މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ 19 ރަށެއްގައި ފިއުލް ސްޓޭޝަންތައް ގާއިމްކުރުމެވެ. މީގެ ބޭނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ސަރުކާރުގެ އަޒާމަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް އަތްފޯރާފަށުގައި ފޯރުކޮށްދިނުން ކަމަށްވާތީ، އެ އަމާޒު ހާސިލްކުރުމަށްޓަކައި އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކުޑަހުވަދޫގައި މި ފެށުނު ހިދުމަތަކީ އެ ރަށާއި ކައިރި ރަށްތަކުގެ އުޅަނދުފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

