މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޮޑު މުސާރައިގައި ތިބި ކަމަށް ބުނާ ލިސްޓެއްގެ ސައްހަކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، “އަޅުގަނޑާ ހަމައަށް ތިކަހަލަ ލިސްޓެއް ވެސް ނާދޭ” ކަމަށެވެ. މީސްމީޑިއާގައި ލީކުކޮށްލާފައިވާ އެ ލިސްޓަކީ ރައީސް އޮފީހުން އެމްއޭސީއެލަށް ފޮނުވި ލިސްޓެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މީސްމީޑިއާގައި ދައުރުވާ ވާހަކަތަކަށް ބަލާއިރު، އެ ލިސްޓުގައި ހިމެނޭ މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް އަދި ވަޒީފާއަށް ވެސް ނުނިކުމެ ބޮޑު މުސާރަ ނަގަމުންދާ ބައެއް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ރައީސް ވަނީ އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އެމަނިކުފާނާ ހަމައަށް އައިސްފައި ނުވާކަން ސާފުކޮށްދެއްވާފައެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމްއޭސީއެލް ހިމެނޭހެން ހުރިހާ ކުންފުނިތަކެއްގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައިވާނެ ކަމަށެވެ. “އަޅުގަނޑުމެން އޮންނާނީ ޖުމްލަކޮށް ހަމަ ހުރިހާ އެސްއޯއީތަކަށް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފަ މުވައްޒަަފުންގެ އަދަދު މަދު ކުރަން، ތިންބައި ކުޅަ އެއްބައި މަދުކުރަން ކުރެވެން ހުރިހާ ތަނެއްގައި،” ރައީސް ވިދާޅުވިއެވެ.
ކުންފުނިތަކަށް ގެންނަ މި ބަދަލުތަކަކީ އިސްލާހީ ހެޔޮ ބަދަލުތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ކުންފުނިތަކުގައި އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. މިހާރުވެސް ގިނަ އެސްއޯއީތަކެއްގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެމަނިކުފާނު މައުލޫމާތު ދެއްވިއެވެ.

