މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް، ޚާއްސަކޮށް ބޮޑުހިލަ ލިބުމުގައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، ބޮޑުހިލައިގެ ބަދަލުގައި ރާއްޖޭގެ ތިމާވެށްޓާ ގުޅޭ އެހެން މެޓީރިއަލްއެއް ބޭނުންކުރުމާ ގުޅޭގޮތުން ދިރާސާކުރަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވަކި ގޮތްތަކެއް ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް ރާއްޖޭގެ ތިމާވެށްޓާ ގުޅޭ، ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި އީޖާދީ ހައްލެއް ހޯދުމަށެވެ. މިފަދަ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މެދުވެރިކޮށް ރިސަރޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަން ހަމަޖައްސައިދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރާ ވަސީލަތްތައް އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށް، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލައަށް ހައްލެއް ހޯދުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ އިރުޝާދު ދެއްވާފައެވެ.
އިއްޔެގެ ޖަލްސާގައި ރާއްޖޭގެ ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، މިހާރު އޮތް ގާނޫނުގެ ތެރެއިން ހަދަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑަރޑްތައް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ތަފްސީލުތައް “މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ” ގައި މަޝްވަރާކުރުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

