މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެ އެކަނިވެސް 50 ދޯންޏަކަށް 4 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖަމާކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާއެވެ. އެގޮތުން ޖުމްލަ 4,025,398.00ރ. (ހަތަރު މިލިއަން ފަންސަވީސް ހާސް ތިން ސަތޭކަ ނުވަދިހަ އަށް ރުފިޔާ) މަސްދޯނިފަހަރަށް ވަނީ ދޫކޮށްފައެވެ.
މި ފައިސާގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 48 ދޯންޏަކަށް 4,007,088.00ރ. ވަނީ ދޫކޮށްފައެވެ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 2,760ރ. ޖަމާކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 8 ދޯންޏަކަށް 15,550ރ. ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދޫކޮށް ނިންމަވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ. މި ބަދަލާއެކު މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު އިތުރުވެ، ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަކީ ރައީސް މުޢިއްޒުގެ މުހިއްމު ވައުދުފުޅެކެވެ. އެގޮތުން ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން އަންނަނީ ކަންނެލި ކިރުވަމުންނެވެ. މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ. މީގެ އިތުރުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް ސަރުކާރުން އަންނަނީ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

