ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އޮފީހުން ނެރުނު ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 31 ޑިސެންބަރު 2024 ގެ ނިޔަލަށް ނިމުނު މާލީ އަހަރުގައި ރައީސް އޮފީހަށް ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކަކީ ސައްހަ އަދަދުތަކެކެވެ. އަދި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރިކޯޑުތަކާއި އެ ބަޔާންތަކާ ދެމެދު އެއްވެސް އުނިއިތުރުކަމެއް ނުވަތަ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ކަނޑައެޅިފައިވާ މިންވަރަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހުރިހާ ޚަރަދުތަކެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްކަމުގެ ޔަގީންކަން އޮޑިޓް ރިޕޯޓުގައި ވަނީ ދީފައެވެ.
މީގެ އިތުރުން، އެ އޮފީހުގެ އެހެނިހެން މާލީ މުއާމަލާތްތަކާއި ކަންކަން ހިންގާ ބަލަހައްޓާފައިވަނީ ވެސް މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަން އޮޑިޓުން ވަނީ ކަށަވަރުކޮށްދީފައެވެ. 2024 ވަނަ އަހަރަށް ރައީސް އޮފީހަށް ފާސްކޮށްފައިވަނީ 204.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމުލަ ޚަރަދުގެ ގޮތުގައި 240,050,424 ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ނެރުނުއިރު، އެ އޮފީހުގެ މާލީ ރިކޯޑުތައްވެސް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

