ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ދޯނި ފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ މާދަމާއިން ފެށިގެން ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީސް މިނިސްޓްރީން މިއަދު ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. އަދި ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރަށްރަށުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީންވަނީ ވިދާޅުވިއެވެ.
އެ މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ އެވެ. ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ހިންމަފުށި، ފ. ނިލަންދޫ، ގއ. ކޫއްޑޫ، ފުވައްމުލައް، އައްޑޫ ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީންނެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54ރ. އަށެވެ.
މި ފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެއަށް އެންވެރިކަން ރަނގަޅުވާން ފެށުމާއެކު މަސްވެރިކަން ވެސް ﷲ ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުވުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި ފަހުން މަސްވެރިކަން ދަށްވުމުގެ ސަބަބުން މަހުގެ ބާވަތްތައް އުފެއްދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެ ބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަަމަށާއި އަދި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށެވެ.

