ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަހުރުވެރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އެޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ހަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، ދިފާއީ ވަޒީރު ވަނީ މިއަހަރުގެ ސިފައިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު ރަސްމީކޮށް އިޢުލާނުކޮށްދެއްވާފައެވެ. މިއަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ “އަސްކަރީ އަހުލާގު – ސިފައިންގެ ކުރިއެރުން” މިއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން އަލީއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގެ އިތުރުން، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ މި މުނާސަބަތަށް ހާއްސަކޮށް ކުރެވުނު ދުއާއަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހަކީ ދިވެހި އަސްކަރިއްޔާގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުގެ ހިތްވަރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

