ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޅ. ހިންނަވަރުގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ފައުންޑޭޝަން މަސައްކަތުގެ ތެރެއިން، ފުޓިން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
ހިންނަވަރުގައި ތަރައްގީކުރާ މި ސެންޓަރަކީ އެރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ، ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކަސްރަތު ކުރުމަށް ބޭނުންވާ ޒަމާނީ ސާމާނުތަކާއެކު އައުޓްޑޯ ޖިމެއް ގާއިމުކުރުމާއި، ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދަކާއި، އާއިލާތަކަށް ހިތްފަސޭހަކޮށްލެވޭނެ ބެންޗުތަކުގެ އިތުރުން ފެހިކަންގަދަ މާހައުލެއް ގާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގެ ޒުވާނުންނާއި އާއިލާތަކުގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ. މިއީ ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 186 އައުޓްޑޯ ޖިމް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 15 އައުޓްޑޯ ޖިމެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
އާރުޑީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމައި، ރައްޔިތުންގެ ބޭނުންތަކަށް އެ ތަންތަން ހުޅުވާލުމެވެ.

