ޖަރުމަނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިޕް (HiPP) މަރުކާގެ ކުޑަކުދީންގެ ކާނާގައި ވިހަ މާއްދާއެއް ހިމެނޭ ކަމަށް ޝައްކުކުރެވޭތީ، އެ މަރުކާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި ހިޕް މަރުކާގެ ކުޑަކުދީންގެ ކާނާގެ އުފެއްދުންތަކުގައި ވިހަ މާއްދާއެއް ކަމަށްވާ “ރޮޑެންޓްސައިޑް” އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭތީ، އެ ތަކެތި ބާޒާރުން އަނބުރާ ނެގުމަށް އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށާއި އެ ނޫންވެސް ގޮތްގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަރުކާގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި، އަދި އެއްވެސް ފަރާތަކުން މި ތަކެތި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.

