ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތ. ތިމަރަފުށީގައި ތަރައްޤީކުރި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
އާރުޑީސީން ބުނި ގޮތުގައި، މި ދަނޑު ނިމުމާއެކު ކުޅިވަރުގެ ދާއިރާއިން އެ ރަށުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ތިމަރަފުށްޓަކީ ފުޓްސަލްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ރަށަކަށް ވާއިރު، މި ދަނޑަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ.
މީގެ ކުރިން ތިމަރަފުށީގައި ފުޓްސަލް މުބާރާތްތަކަށް ފަރިތަކުރުންތައް ބޭއްވުމަށް ޚާއްސަ ދަނޑެއް ނެތުމުގެ ދަތިކަން ޒުވާނުންނަށް ކުރިމަތިވެފައިވެއެވެ. ނަމަވެސް އަލަށް ތަރައްޤީކުރި މި ދަނޑާއެކު، ރަށުގެ ފުޓްސަލް ޓީމުތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މި އައު ދަނޑަކީ ހަމައެކަނި މުބާރާތްތަކަށް ފަރިތަކުރުމުގެ އިތުރުން، ރަށުގެ ކުޑަކުދިން މި ކުޅިވަރަށް ތަމްރީނުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ.

