ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރަން ޕީއެންސީގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ދޮގު ކުރައްވައިފި އެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އިއްޔެ ވަނީ ވަކިކޮށްފަ އެވެ. މި ބަދަލާ އެކު، ޕީއެންސީގެ ބައެއް މެންބަރުން ވަނީ ނާޒިމް ނައިބު ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ފަލާހު ވިދާޅުވީ ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނަނީ ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. “އެއީ ދޮގެއް. މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރާކަށް ނޫޅޭ. އެފަދަ އެއްވެސް ކަމެއް ނުހިނގާ،” ފަލާހު ވިދާޅުވި އެވެ.
ނާޒިމް މަގާމުން ވަކިކުރަން ބައެއް މެންބަރުން ބޭނުންވާ ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި، އޭނާ މަޖިލިސް ތެރެއިން ސަރުކާރަށް ގެއްލުންވާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުން ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅެނީ އެ ސަބަބާ ހުރެ ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ޕީއެންސީގެ ޕީޖީ ލީޑަރު ރަސްމީކޮށް މި ވާހަކަތައް ދޮގުކުރެއްވި ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލާ އެކު ސިޔާސީ މަސްރަހުގައި މި ވާހަކަ ވަނީ ބޮޑުވެފަ އެވެ.

