ލ. ހިތަދޫގައި މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، އުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ހިތަދޫ ކައުންސިލަރު ޢަބްދުލްވާޙިދު އިދުުރީސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޒުވާނާ މަރުވާން ދިމާވީ މަސް ހިފަން ގެންގުޅުނު ދަގަނޑު އަތަށް ވަދެ، ގަލެއްގައި ތާށިވުމުގެ ސަބަބުން ކަމަށެވެ. މަސް ހިފަން އުޅުމުގެ ތެރޭގައި ބޭނުންކުރި ނަނު މަހާއެކު ފަރުގެ ގަލެއްގެ ތެރެއަށް ދެމިގަތީ ކަމަށެވެ. އަދި އެ ވަގުތު ގެންގުޅުނު ދަގަނޑާއެ އަތް ގަލުގެ ތެރޭގައި ބެދި، ތާށިވީ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
“ވީގޮތަކީ މަސް ހިފަންވެގެން އުޅުމުގެ ތެރޭގައި ގެންގުޅުނު ނަނު ގަލުތެރެއަށް މަހާ އެއްކޮށް ހިފީމަ، ގެންގުޅުނު ދަގަނޑަށް މަސް ވަދެގެން ދިޔަ ގަޑީ އަތުގައި ބެދިގެން ގަލުގަ ތާށިވީ،“ ކައުންސިލަރު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާއަކީ މަސް ހިފަން އުޅުމުގެ ތެރޭގައި ދިމާވި ވަރަށް ނާދިރު އަދި ހިތާމަވެރި ހާދިސާއެކެވެ.

