މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގެ ފަސް ވަނަ ސެގްމަންޓްގެ ކީވޯލް ކެޕިން ކޮންކްރީޓް މަސައްކަތްތައް މިއަދު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، ކީވޯލް ކެޕިން މަސައްކަތް ނިމުމާއެކު މި ހަފްތާގެ ތެރޭގައި އިތުރު މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ތާވަލްކުރެވިފައެވެ. އޭގެ ތެރޭގައި ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތަކާއި، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ސެޓްލްމަންޓް ޓޭންކްތަކާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން އިތުރަށް ބުނީ، ސެގްމަންޓް 2، 3، އަދި 4 ގައި 220 މީޓަރުގެ ޝީޓް ޕައިލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ އެހެނިހެން އަމަލީ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫޢަކީ ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން އަލުން ހެދުމަށް ހިންގާ މަޝްރޫޢެކެވެ. މިގޮތުން ޖުމްހޫރީ މައިދާނާ ދިމާލުން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި، މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މީގެ އިތުރުން، ދެވަނަ ސެގްމެންޓުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ ފެބްރުއަރީ މަހު ވަނީ ހުޅުވާލާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ފުޅާކުރެވިފައިވާ، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް އިންތިހާއަށް ލުއިފަސޭހަ އަދި ހިތްގައިމު މަގަކަށެވެ.

